އެމް-ފައިސާ މެދުވެރިކޮށް ވިލާގޭހަށް އޯޑަރުކުރެވޭ ގޮތް ހަމަޖައްސައިފި

އުރީދޫގެ އެމް-ފައިސާ އެޕްލިކޭޝަން މެދުވެރިކޮށް ވިލާ ގޭސް ފުޅިއަށް އޯޑަރު ކުރުމުގެ ހިދުމަތް ތައާރަފްކޮށްފިއެވެ.

ވިލާ ގޭހާއި އުރީދޫ މޯލްޑިވްސް ގުޅިގެންދޭ މިހިދުމަތް ތައާރަފް ކޮށްފައިވަނީ އުރީދޫ މޯލްޑިވްސް ހެޑް އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވީ އުރީދޫން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނީ ރައްޔިތުންނަށް ލިބިދޭންޖެހޭ ހިދުމަތްތައް ޑިޖިޓަލްކޮށް ފޯރުކޮށްދިނުމަށް ކަމަށެވެ.

އެމް-ފައިސާ އަކީ ހުރިހާ ހިދުމަތެއް ޑިޖިޓަލްކޮށް އެއް ޕްލެޓްފޯމަކުން ލިބެން އޮތް އެންމެ ފަސޭހަ މަގުކަން ފާހަގަކުރައްވާ ނަޖީބް ޚާން ވިދާޅުވީ މި ޕްލެޓްފޯމްގެ ތެރެއަށް ވިލާގޭސް އިތުރުވެގެން ދިޔުމަކީ އުރީދޫއަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ތައާރަފް ކުރެވުނު ހިދުމަތުގެ ސަބަބުން ރައްޔިތުންނަށް ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ނަޖީބް ޚާން ވިދާޅުވިއެވެ.

އުރީދޫން އަންނަނީ އެމް-ފައިސާ މެދުވެރިކޮށް ގިނަ ހިދުމަތްތަކެއް ފޯރުކޮށްދެމުންނެވެ. އެގޮތުން ސްޓެލްކޯ، އެމްޑަބްލިއުއެސްސީ އަދި މީޑިއާނެޓް ބިލްތައް ދެއްކުންވެސް އެމް-ފައިސާ މެދުވެރިކޮށް އަންނަނީ ލިބެމުންނެވެ. އަދި މިރޯދަ މަހު އުރީދޫގެ އެމް-ފައިސާ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމު ވެސް އުރީދޫ އިން ވަނީ ހަމަޖައްސާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...