އެމްޑީޕީގެ ނިންމުމަށް ފަރސްޓް ލޭޑީގެ ފާޑުކިޔުން އަމާޒުވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނަން ހުށަހަޅަން ރޭ އެމްޑީޕީ އިން ފާސްކުރުމާއި އެކު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދުގެ ފާޑުކިޔުން އެކަމަށް އަމާޒުވެއްޖެއެވެ.

އެގޮތުން މެޑަމް ފަޒްނާވަނީ އެކަމަނާގެ ފޭސްބުކްގައި އެއީ ޗަރުކޭހެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. ކެމްޕޭން ކުރަމުން ދިޔަ ގޮތާއި ހިލާފަށް ކުއްލިއަކަށް ނަޝީދު މަޖިލީހުގެ ރައީސް ކަމަށް ގެންނަން ހުށަހަޅާ، އެހުށަހެޅުން ޕީޖީ ގްރޫޕްގެ އިއްތިފާގުން ފާސްކުރިތާ އިރުކޮޅެއް ފަހުން މެޑަމް ފަޒްނާ ފޭސްބުކްގައި ކުރެއްވި ޕޯސްޓްގައި އިނގިރޭސި ބަހުން ލިޔުއްވާފައި ވަނީ ވަޓް އަ ސާކަސް މި އިބާރާތެވެ.

އާންމުކޮށް ސިޔާސީ ޕޯސްޓުތައް ނުކުރައްވާ ބޭފުޅެއްގެ ގޮތުގައި މެޑަމް ފަޒްނާ ފާހަގަވެގެންދާއިރު އެކަމަނާ ރޭގައި އެ ކުރެއްވި ޕޯސްޓާއެކު އެކަމަނާގެ ފޭސްބުކްއަށް ގިނަބައެއްގެ ލޯ މިހާރުވަނީ ހުއްޓިފައެވެ. އެމްޑީޕީ އިން ރޭ ކުޅުނީ ޗަރުކޭހެއް ކަމަށް ފަޒްނާ ނުސީދާކޮށް ވިދާޅުވިއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ނަޝީދު އަދި މަޖިލީހުގެ ނައިބު ރައީސް ކަމަށް އީވާ އަބްދުﷲ ގެންނަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ފާސްކުރުމުން އެދެބޭފުޅުންނަށް މަރުޙަބާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވަނީ ޓްވީޓެއް ކުރައްވާފައެވެ.

އަދި އެޓްވީޓުގައިވެސް މާނަ ފުން ބަސްތަކެއް ހުރިކަން ފާހަގަކޮށްލެވެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ގެންނަން ރައީސް ޞާލިހް ބޭނުންފުޅުވީ ވިލުފުށީ ދާއިރާގެ އިންތިޚާބީ މެންބަރު ހަސަން އަފީފުއެވެ. އަދި ނަޝީދު ބޭނުންފުޅުވީ އެމަނިކުފާނު ކުރިން ވިދާޅުވެފައި އޮތް ގޮތުގައި މަޖިލިސް ރައީސް ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ގެންނަންށެވެ.

ނަމަވެސް ރޭ ކުއްލިއަކަށް ނިންމުން ބަދަލުކޮށް މަޖިލިސް ރައީސް ކަމަށް އެމްޑީޕީ އިން ނެރޭނެ ބޭފުޅަކީ ނަޝީދު ކަމަށް ފާސް ކުރުމާއި އެކު އަނެއްކާ ވެސް ނަޝީދަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. އެގޮތުން ގިނަބަޔަކު ބުނަމުން ދަނީ ހުރިހާ ބާރެއް މަޑުމަޑުން އެއް ބައެއްގެ މުށުތެރެއަށް ލާ ނިމެނީ ކަމަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...