ޖިންސީ ގޯނާއިން ކުޑަކުދިން ރައްކާތެރި ކުރާނީ ކިހިނެއް؟

ކޮންމެ މީހަކުވެސް އެމީހެއްގެ ދަރިންދެކެ ވަރަށް ލޯބިވާނެކަން ޔަގީނެވެ. އެއްވެސް މީހަކު، ތިމާގެ ދަރިން ނުވަތަ އެއްވެސް ދަރިއަކު ޖިންސީ ގޯނާގެ ޝިކާރައަކަށް ވާކަށް ނޭދޭނެއެވެ.

ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް މި ކުޑަ ކުޑަ މުޖްތަމައުގައިވެސް މިވަނީ އިންތިހާއަށް އިތުރުވެގެން ގޮސްފައެވެ. ގިނަ ފަހަރަށް އެފަދަ އަމަލުތައް ހިންގާ މީހުންގެ ޝިކާރައަކަށް ހަދަނީވެސް އެފަދަ މީހުންނާއި އެންމެ ގާތް، ނުވަތަ އެންމެ ގިނައިން ފެނިދެނިވާ ކުދިންކަން މިއީ އެނގެން އޮތް ހަގީގަތެކެވެ. އެހެންކަމުން އެފަދަ މީހުންގެ ކިބައިން ތިމާގެ ދަރިން ރައްކާތެރި ކުރުމަށްޓަކައި ފިޔަވަޅުތަކެއް އެޅުން މުހިންމެވެ. މީހަކު ބަލާލާފައި އެމީހަކީ "ކުޑަކުދިންނާއި ބެހޭ" މީހެކޭ ބުނާކަށް ނޭނގޭނެއެވެ.

ގިނަ ފަހަރަށް އެފަދަ އަމަލުތައް ކުރަނީ "އެންމެ ހީނުކުރާ" މީހާއެވެ. އެހެންކަމުން އެފަދަ މީހުންގެ ކިބައިން ދަރިން ސަލާމަތް ކުރެވޭނީ ދަރިން ވަރަށް ބޮޑަށް ހޭލުންތެރިކުރެވިގެންނެވެ.

ހަށިގަނޑުގެ ގުނަވަންތަަކަށް ކިޔާ އަސްލު ނަން ދަރިންނަށް ކިޔައިދީ، އެއްވެސް މީހަކަށް އަތްލެވިގެން ނުވާނެ ގުނަވަންތައް ދަރިންނަށް ބުނެދޭން ޖެހެއެވެ. އަދި އެއްވެސް މީހަކު، އެމީހެއްގެ ޖިންސީ ގުނަވަންތަކުގައި އަތްލަން ބުނެފިނަމަ، އެއީވެސް ގޯސް ކަމެއްކަން ބުނެދޭން ޖެހެއެވެ. އެކަން ރަނގަޅަށް އޮޅުން ފިލުވައިދެވިއްޖެނަމަ، ޖިންސީ ގޯނާގެ ޝިކާރައަކަށް ވާން އުޅެފިނަމަ، ކުއްޖާއަށް އެކަން ފަސޭހައިން ނަގައިގަނެވޭނެއެވެ. މި ލިޔުމުގައި މި ހިމަނާލަނީ މި ދެންނެވި ކަންތައްތަކުގެ އިތުރުންވެސް ދަރިންނަށް ކިޔައިދޭން ޖެހޭ އެއްޗެއްސެވެ.

ހަށިގަނޑާއި ގުޅޭ އެއްވެސް ކަމެއް ސިއްރު ނުކުރުން:

މިއީ ތިބާގެ ދަރިފުޅަށް ކިޔައިދިނުން މުހިންމު އެއްޗެކެވެ. ގިނަ ފަހަރަށް ޖިންސީ ގޯނާ ކުރާ މީހުން އެކަން ކުރަނީ ކުދިންނާއި ވަަރަށް ބޮޑަށް ގުޅާލައިގެންނެވެ. "އަހަރެން ކޮއްކޮއާއިއެކު ކުޅޭ ހިތްވޭ...އެކަމަކު އެއްވެސް މީހެއްގެ ކައިރީގައި ބުނެފިއްޔާ ނުކުޅޭނަން" މިއީ ޖިންސީ ގޯނާ ކުރާ މީހުން އާންމުކޮށް ބޭނުންކުރާ ޖުމްލަތަކެވެ. އެފަދަ އެއްވެސް ކަމެއް ސިއްރު ނުކުރަން ދަރިފުޅަށް ބުނެދޭށެވެ.

ޖިންސީ ގުނަވަނެއްގެ ފޮޓޯ ނަގައިގެން ނުވާނެކަން ބުނެދިނުން:

މިއީ ގިނަފަހަރަށް ކުދިންނަށް ކިޔާ ނުދެވި އޮންނަ އެއްޗެކެވެ. ޖިންސީ ގޯނާ ކުރާ މީހުން، އެމީހުންގެ ޝިކާރައަކަށް ހަދާ ކުދިންގެ ޖިންސީ ގުނަވަންތަކުގެ ފޮޓޯ ނަގާ، އެވިއްކާވެސް ހަދައެވެ. އެހެންކަމުން ޖިންސީ ގުނަވަންތަކުގެ ފޮޓޯ ނެގިޔަދީގެން ނުވާނެކަމާއި، އެއީ ގޯހެއްކަން ދަރިންނަށް ބުނެދޭން ޖެހެއެވެ.

ނޫނެކޭ ބުނަން ޖެހޭނެކަން އަންގައިދިނުން:

ބައެއް ކުދިންނަށް މީހަކު ކަމެއް ކުރަން ބުނުމުން "ނޫން" ބުނާކަށް ނުކެރެއެވެ. އެހެންކަމުން ކޮންމެ ކޮންމެ ކަމަކަށް ރުހިގެން ނުވާނެކަން ދަރިންނަށް ވިސްނައިދޭން ޖެހެއެވެ. މީހަކު ގޯސް ކަމެއް ކުރާހެން ހީވާނަމަ، އެކަން ހުއްޓުވަން ކެރެން ދަރިންނަށް ދަސްކޮށްދޭން ޖެހެއެވެ. އަދި މީހަކު ގޯސްކަމެއް ކޮށްފިހެން ހީވާނަމަ، އެވާހަކަ މައިންބަފައިން ގާތުގައި ބުނަން ކެރޭނެ ވަރަށް ދަރިންނާއި ގާތް ގުޅުމެއް ބޭއްވުމަކީވެސް ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...