ފީވަކު ކަރަންޓްގެ މައްސަލައަށް ހައްލެއް ނުލިބި ދުވަސްތަކެއް: ފެނަކައިގެ ތުހުމަތުތަކެއް ރައްޔިތުންނަށް

ސަރުކާރެއްގެ ޒިންމާއަކީ ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް ވަގުތުން ވަގުތަށް ފޯރުކޮށްދިނުމެވެ. އަދި ޚާއްޞަކޮށް އަސާސީ ބޭނުންތަކަކީ ކޮންމެހެން މި ލިސްޓުގައި ހިމެނޭ ކަންކަމެވެ. ނަމަވެސް މިއަދު ފެންނަމުން މިދަނީ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ނުކުޅެދި ރައްޔިތުންނަށް ތަފާތު ތުހުމަތުތައް ކުރަމުންދާ މަންޒަރެވެ.

ށ. ފީވަކު ރައްޔިތުންނަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލެއް ނުލިބި ގިނަ ދުވަސްވެފައިވާއިރު އެ ޚިދުމަތް ފޯރުކޮށްދޭ ކުންފުނި ފެނަކަ ކޯޕަރޭޝަނުން އެ ރަށުގެ ރައްޔިތުންނަށް ވަނީ ތުހުމަތުތަކެއް ކޮށްފައެވެ. ފީވަކު ކަރަންޓުގެ މައްސަލައަށް ހައްލެއް ނުލިބި ހަމަސް ދުވަސް ފާއިތުވެފައިވާއިރު އެކަމަށް ހައްލެއް ނުލިބި ގިނަ ދުވަސްތަކެއް ވަމުންދަނީ ބަޔަކު ރާވައިގެން އެކަމަށް ހުރަސް އަޅަމުން ދާތީ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.

ފެނަކައިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފީވަކު ބްރާންޗް ޕެނަލްގެ މަސައްކަތް ކުރުމަށްޓަކައި މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ކަރަންޓު ކަނޑަން އިއުލާންކޮށްގެން އެ މައްސަލަ ހައްލު ކުރަމުން ދަނިކޮށް ރަށު ރައްޔިތުންގެ ތެރެއިން ބަޔަކު އިންޖީނުގެ ތެރެއަށް ވަދެ މަސައްކަތު މާހައުލުގެ މަސްލަހަތު ގެއްލުވާލާފައިވާ ކަމަށެވެ. އެހެންކަމުން ހިދުމަތް ފޯރުކޮށްދިނުމަށް ގިނަ ވަގުތުތަކެއް ހޭދަވި ކަމަށް ފެނަކައިންވަނީ ބުނެފައެވެ. އަދި އޭގެ ފަހުން މިދިޔަ ހުކުރު ދުވަހު ވެސް އަލުން އެ ރަށަށް ޓީމެއް ފޮނުވައި މަސައްކަތް ކުރަމުން ދަނިކޮށް އަނެއްކާވެސް އިންޖީން ރޫމަށާއި ކޮންޓްރޯލް ރޫމަށް ބަޔަކު ވަދެ ބިރު ދައްކާ މުޅި ރަށުން ކަރަންޓުގެ ހިދުމަތް ކަނޑާލާފައިވާ ކަމަށް ފެނަކައިން ބުނެފައިވެއެވެ.

އެ ދުވަހު ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވުނީ ގިނަ އިރުތަކެއް ފަހުން ކައުންސިލާއި ރައްޔިތުންނާ ވާހަކަދެއްކުމަށް ފަހުގައި ކަމަށް ވެސް ފެނަކަ އިން ވަނީ ބުނެފައެވެ. މީގެ އިތުރުން ރޭ ވެސް އިންޖީނަކަށް ދިމާވި މައްސަލައަކާ ގުޅިގެން އެކަން ހައްލު ކުރުމަށް މަސައްކަތް ކުރަމުން ދިޔަ ކަމަށާ ދަންވަރު ގަޑީގައި ކަރަންޓު ދިޔުމުން ރަށު ރައްޔިތުންތަކެއް ނިކުމެ އަޑުގަދަކޮށް މަސައްކަތް ކުރުމަށް ހުރަސްތަކެއް އެޅިގެން ދިޔަ ކަމަށް ފެނަކައިގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި އޭގެ ސަބަބުން ހިދުމަތް އަލުން ދިނުމަށް ގިނަ ވަގުތުތަކެއް ހޭދަވެގެން ދިޔަ ކަމަށް ވެސް ފެނަކައިން ބުނެއެވެ. އަދި ކަރަންޓުގެ ހިދުމަތް ދެވުނީ އެކަމާ ދެކޮޅު ހެދި ބަޔަކާ ދެކޮޅަށް ބަޔަކު ނިކުމެ ކަރަންޓުގެ ހިދުމަތް އަލުން ދޭން އެދިގެން ކަމަށް ވެސް ފެނަކަ އިންވަނީ ބުނެފައެވެ. ފެނަކައިގެ މި ބަޔާނާއެކު އެރަށުގެ އެތައް ރައްޔިތުން ދަނީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ. ނަން ހާމަ ނުކުރުމަށް އެދި ޗެނެލް 13އާ ވާހަކަ ދައްކަމުން އެރަށު ރައްޔިތަކު ބުނީ ސަރުކާރުން ރައްޔިތުންނަށް ދޭން ޖެހޭ އަސާސީ ޚިދުމަތެއް ފޯރުކޮށް ނުދެވި ހަ މަސް ފާއިތުވުމުން ރައްޔިތުން ނިކުމެ އެކަމާ ދެކޮޅަށް ބަސް ބުނުމުން ރައްޔިތުންނަށް އެކި ތުހުމަތުތައް ކުރުމަކީ އަދި އެންމެ ޒިންމާދާރު ގޮތް ނޫން ކަމަށެވެ.

އޭގެ ބަދަލުގައި ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް ބަރާބަރަށް ފޯރުކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށާ ޒިންމާތައް އަދާ ނުކުރެވޭނަމަ އިސްއިތުފާ ދެއްވާފަ ވެރިން ގޭގައި މަޑު ކުރައްވަން ޖެހޭ ކަމަށް އެ މީހާ ވަނީ ބުނެފައެވެ. ފީވަކު ކަރަންޓުގެ މައްސަލައަށް ހައްލެއް ނުލިބި ގިނަ ދުވަސްތަކެއް ވެފައިވާއިރު އެރަށު ކައުންސިލުގެ ރައީސް ވިދާޅުވީ އެކަމަށް ހައްލެއް ލިބޭނެ ދުވަހެއް ނޭނގޭ ކަމަށާ އެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ އާ ޖަނަރޭޓަރެއް އެރަށަށް ލިބުމުން ކަމަށެވެ. އަދި އިތުރަށް ވިދާޅުވީ އެކަމާއި ގުޅޭ ގޮތުން ފެނަކައަށް ގުޅުމުން ފޯނަށް ޖަވާބެއް ނުދޭ ކަމަށާއި، ސަރުކާރުގެ ފަރާތުންވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް ފެނަކައިން ބުނެފައިވަނީ އެރަށުގައި ހުރި ޖަނެރޭޓަރުން އެރަށަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދެވޭނެ ކަމަށެވެ.

ރައީސް ޔާމީންވަނީ އެމަނިކުފާނުގެ ޒަޢާމަތް ނިންމާލެއްވުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށްތަކަށް 24 ގަޑިއިރު ކަރަންޓު ޔަގީންކޮށްދެއްވާފަ. ނަމަވެސް އެ ޚިދުމަތް ދެމެހެއްޓުމުގެ މަސައްކަތް ކުރުމަށް ރައީސް ޞޯލިހުގެ ސަރުކާރުން ނުކުޅެދިފައިވާ ކަމަށް ގިނަ ރައްޔިތުން މިއަދު އަންނަނީ ބުނަމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...