އަލިފާނުން ސަލާމަތްނުވެގެން އިސްރާއިލްގެ 6 އަވަށަކުން މީހުން ހުސްކޮށްފި

އާދަޔާއި ޚިލާފަށް ހޫނުގަދަވެ އިސްރާއިލްގެ ފަރުބަދަމަތީ ސަރަޙައްދެއްގައި އިއްޔެ ރޯވި އަލިފާންގަނޑު ކޮންޓްރޯލުނުވެ ފެތުރި ބޮޑެތި ގެއްލުންތަކެއް ލިބެމުން ދާތީ އެޤައުމުގެ 6 އަވަށަކުން މީހުން ހުސްކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އިއްޔެގެ ވަގުތެއްގައި ރޯވި އަލިފާންގަނޑު ހަލުވިކަމާއެކު އެޤައުމުގެ މެދުތެރޭގެ ސަރަޙައްދުތަކަށް ފެތުރެމުންދާއިރު، އާންމުންނަށް ވަނީ ނުރައްކާ ބޮޑުވެފަ. މިގޮތުން މިހާތަނަށް 3500 އަށްވުރެ ގިނަ މީހުން ރައްކާތެރި ސަރަޙައްދުތަކަށް ބަދަލު ކުރެވިފައިވާއިރު، ބައެއް މީހުންނަށް ދުމުގެ އަސަރުކޮށްގެން ދަނީ ފަރުވާ ދެމުންނެވެ. އަދި ހީޓް ސްޓްރޯކެއް ޖެހިގެން އިސްރާއިލް މީހަކު ރޭގެ ވަގުތެއްގައި ވަނީ މަރުވެސްވެފައެވެ. އިސްރާއިލް ސިފައިންނާއި ފަޔާފައިޓަރުން، ރޯވެފައިވާ އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ހުއްޓުމެއް ނެތި އިއްޔެއިން ފަށައިގެން ކުރަމުންދާއިރު، އަލިފާންގަނޑު އަދިވެސް ކޮންޓްރޯލް ނުވެ ދަނީ އިތުރަށް ފެތުރެމުންނެވެ.

އެކަމާއި ގުޅިގެން، ކަންބޮޑުވެފައިވާ ހާލުގައި އިސްރާއީލުން ވަނީ އަލިފާން ނިއްވުމުގައި ޤައުމުތަކުގެ އެހީ އާއި މަދަދަށް އެދިފައެވެ. އިސްރާއިލްގެ ބައެއް ހިސާބުތަކަށް ފާއިތުވެދިޔަ ދުވަސްތަކުގައި އާދަޔާއި ޚިލާފަށް ހުނުގަދަވުމާއި ގުޅިގެން އެޤައުމަށް ބޮޑު މުސީބާތަކާއި ކުރިމަތިވެފައި ވާއިރު، ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް ހޫނުމިން ދަށްވާނެ ކަމަށް ބެލެވިފައެއް ނުވެއެވެ. މިކަމުގެ ސަބަބުން ނުރައްކާ ދެގުނަވެ އެޤައުމުގެ އާންމު ޚިދުމަތްތަކަށްވެސް މިހާރު ވަނީ ބުރޫ އަރާފައެވެ.

އިސްރާއިލްގެ އެކި ސަރަޙައްދުތަކުގައި އަލިފާން ރޯވެ ކޮންޓްރޯލެއް ނެތި ހަލުވިކަމާއެކު ފެތުރެމުންދާއިރު، ރޯވެފައިވާ ސަރަޙައްދުތަކުގެ ތެރޭގައި، އެޤައުމުން ފަލަސްތީނުގެ މުސްލިމުންގެ އަތުން ފޭރިގަނެ ޔަހޫދީންގެ ބޯހިޔާވަހިކަން ޤާއިމްކޮށްފައިވާ ސަރަޙައްދުތައް ހިމެނެއެވެ. އަދި ބައެއް ސަރަޙައްދުތަކަށް އަލިފާނުގެ ސަބަބުން ވަނީ އަނދައި އަޅިޔަށްވެ ބިމާއި ހަމަވެފައެވެ. އަދި ރޯވި އަލިފާންގަނޑުގެ ސަބަބުން އިސްރާއިލްގެ ޔަހޫދީންނަށް ކުއްލި ގޮތަކަށް ކުރިމަތިވެ ގެދޮރު ދޫކޮށް ގިނަ އަދަދެއްގެ ބަޔަކު ރައްކާތެރި ސަރަޙައްދުތަކަށް ދާން މަޖުބޫރުވެފައެވެ.

އިސްރާއިލްގެ ހައްދުފަހަނައަޅާފައިވާ ސިފައިން، ރޯދަމަހާއި ދިމާކޮށް ޣައްޒާގެ ނިކަމެތި ގިނަ އަދަދެއްގެ މުސްލިމުން ދިރިއުޅޭ ސަރަޙައްދުތަކަށް ވައިގެ މަގުން ވަރުގަދަ ހަމަލާތައްދީ މުސްލިމުންގެ ގެތައް ގޮއްވާލައި ސުންނާފަތިކޮށްލިތާ މާ ގިނަ ދުވަހެއް ނުވަނީސްކަން ފާހަގަކޮށްލެވެއެވެ. އަދި އަލިފާންގަނޑު ކޮންޓްރޯލު ކުރުމަށް އެހީވުމަށް އިޒްރާއިލުންވަނީ ދުނިޔޭގެ ޤައުމުތަކަށް ގޮވާލާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...