ވޯލްޑް ކަޕްގެ ޖާގަ އިތުރު ކުރުން ރަސްމީކޮށް ހުއްޓަލައިފި

ގަތަރުގައި 2022 ގައި ބާއްވާ ފީފާ ވޯލްޑް ކަޕްގައި ކުޅޭ ޓީމުތަކުގެ އަދަދު ބަދަލުކުރަން ކުރަމުން އައި މަސައްކަތް ފީފާއިން ރަސްމީކޮށް ހުއްޓާލައިފިއެވެ.

ފީފާއިން މީގެ ކުރިން މަސައްކަތް ކުރަމުން އައީ 2022 ވަނަ އަހަރު ދުނިޔޭގެ ތައްޓަށް ކުޅޭ ފުޓުބޯޅަ މުބާރާތުގައި ކުޅޭ ގައުމުތަކުގެ އަދަދު 48 ގައުމަށް އިތުރު ކުރުމަށް. ފީފާއިން ހަތަރު އަހަރުން އެއް އަހަރު ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް މިހާރު ކުރިއަށްދަނީ 32 ޓީމުގެ މެދުގައެވެ. ނަމަވެސް އެ އަދަދު އިތުރު ކުރަން އެންމެ ބޮޑަށް ވާހަކަތައް ދެކެވުނީ އަންނަ މަހު އޮންނަ ފީފާގެ އިންތިހާބުގައި އިންފަންޓީނޯ ވާދަ ކުރައްވާނެކަން އިއުލާނު ކުރެއްވުމަށް ފަހުއެވެ.

އަންނަ މަހު އޮންނަ އިންތިހާބުގައި ވާދަކުރަނީ ހަމައެކަނި އިންފަންޓީނޯ ކަމަށްވުމުން މިހާރު އިތުރު ދައުރެއް އޭނާއަށް ވަނީ ޔަގީންވެފައެވެ. ގަތަރު ވޯލްޑް ކަޕުގައި ބައިވެރިވާ ޓީމުތަކުގެ އަދަދަށް ބަދަލު ނުގެންނަން ފީފާއިން ނިންމި އެންމެ ބޮޑު ސަބަބަކީ ކުއްލިއަކަށް ޓީމު އިތުރުކޮށްފިނަމަ އިތުރު އިންތިޒާމް ހަމަޖައްސަން ދަތިތަކެއް ކުރިމަތިވެދާނެތީއެވެ.

ގަތަރު ވޯލްޑް ކަޕް ކޮމިޓީން ނެރުނު ބަޔާނެއްގައި ބުނީ ގިނަ ގައުމުތަކުގެ ތާއީދާއެކު ވޯލްޑް ކަޕްގައި ބައިވެރިވާ ޓީމުތައް އިތުރުކުރަން ނިންމި ނިންމުމަށް އެ ގައުމުން ވެސް މަރުހަބާ ކިޔާ ކަމަށާއި އެކަމަކު އެއީ އޮންނަ އުސޫލުތަކުގެ ތެރެއިން ކަންތައްތައް އެންމެ ފުރިހަމައަށް އިންތިޒާމް ކުރެވޭނެ ނަމަ ކަމަށެވެ.

އަދި ވޯލްޑް ކަޕް ބޭއްވުމަށް ތިން އަހަރާއި ބައިގެ މުއްދަތެއް އޮއްވައި ޓީމު އިތުރު ނުކުރާނެކަން ރަސްމީކޮށް ފީފާއިން ވެސް އިއުލާނުކުރުމުން މި މުބާރާތް މިހާރު އޮތް ފޯމެޓަށް ފުރިހަމަކަމާ އެކު ކުރިއަށް ގެންދިއުމުގެ މަސައްކަތް ފަށާނެ ކަމަށް ބުނެފައިވެއެވެ.

ގަތަރު ފަދަ ކުޑަ ގައުމެއްގައި ޓީމު އިތުރުކޮށްގެން ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތު އެންމެ ފުރަތަމަ ވެސް އޮތީ ކުޑަކޮށެވެ. އެކަމަކު ފީފާއިން އޭރު ބެލީ ގަތަރާ އަވަށްޓެރި ގައުމުތަކުގައި ބައެއް މެޗުތައް ބާއްވާ ގޮތަށް ކުރިއަށް ގެންދިއުމަށެވެ.

އެކަން ކުރިއަށް ނުދިޔައީ ސިޔާސީ ގޮތުން ގިނަ ގައުމުތަކާއި ގަތަރާ ގުޅުން ކުޑަވެފައި އޮތުމުންނެވެ. މީގެ އިތުރުން ފީފާއިން ވަނީ މޫސުމާއި އެހެނިހެން ކަންތައްތަކަށް ބެލުމަށް ފަހު ގަތަރުގައި ބާއްވާ ވޯލްޑް ކަޕް ކުޅޭނެ ތާރީހަށް ވެސް ބަދަލުތަކެއް ގެނެސްފައެވެ.

އެ ގޮތުން ގަތަރު ވޯލްޑް ކަޕް ކުޅޭނީ ނޮބެމްބަރު 21 އިން ޑިސެމްބަރު މަހުގެ 18 އަށް ކަމަށް މިހާރުވަނީ ނިންމާފައެވެ. އެހެންކަމުން މި ފަހަރު ވެގެން ދާނީ ޖޫން އަދި ޖުލައި ނޫން ހިސާބެއްގައި ވޯލްޑް ކަޕް ބާއްވާ ފުރަތަމަ ފަހަރު ކަމަށެވެ. މި ބަދަލު ގެންނަން ނިންމީ އެ ދުވަސްވަރު ގަތަރުގެ ހޫނުމިން މަތިވާނެތީ ކަމަށް ފީފާއިންވަނީ ހާމަކޮށްފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...