ބޮޑު ތަފާތަކުން މޯދީ ދެވަނަ ދައުރަކަށް

އިންޑިއާގެ އާންމު އިންތިހާބުގެ އެންމެ ފުރަތަމަ އިއުލާންކުރި ނަތީޖާތަކުން މޯދީއަށް ދެވަނަ ދައުރެއް ވަނީ ކަށަވަރުވެފައި.

އިންޑިއާގެ އާންމު އިންތިހާބުގެ އެންމެ ފުރަތަމަ އިއުލާންކުރި ނަތީޖާތަކުން އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ބޮޑު އަޣްލަބިއްޔަތަކުން ކުރި ހޯއްދަވާނެކަން ޔަގީންވެއްޖެއެވެ.

ފާއިތުވި ހަ ހަފްތާގެ ތެރޭގައި އިންޑިއާގެ އެކި ކަންކޮޅުތަކުގައި ވަނީ އާއްމު އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައެވެ. އަދި އެތައް މިލިއަން މީހުން ނިމިގެން ދިޔަ އިންތިޚާބުގައި ވޯޓުވެސް ވަނީ ލާފައެވެ.

އިންޑިއާގައި ބޭއްވި އިންތިޚާބުގެ ވޯޓު ގުނުމުގެ މަސައްކަތް މިއަދު ފަށާފައިވާއިރު، އެންމެ ފުރަތަމަ ހާމަކުރި ނަތީޖާތަކުން ވެސް މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ ބީޖޭޕީ އުޅެނީ ވާދަކުރާ 542 ގޮނޑީގެ ތެރެއިން 294 ދާއިރާއަކުން ކުރީގައެވެ. އިދިކޮޅު ނެޝަނަލް ކޮންގްރެސް ޕާޓީއަށް ލިބެނީ 50 ގޮނޑިއެވެ.

ސަރުކާރު އެކުލުވާލުމުގެ ބާރު ލިބޭނީ 272 ގޮނޑި ލިބޭ ޕާޓީއަކަށް ނުވަތަ ކޯލިޝަނަކަށެވެ. މިހާތަނަށް ގުނި ވޯޓުން ބީޖޭޕީ ކުރީގައި އުޅޭއިރު، މިއީ 1984 ވަނަ އަހަރަށް ފަހު، ޖެހިޖެހިގެން ދެ ދައުރު އެއް ޕާޓީއަކުން މަޖިލީހުގެ އަޣުލަބިއްޔަތު ހޯދި ފުރަތަމަ ފަހަރެވެ.

އިންޑިއާގައި މިފަހަރު ބޭއްވި އާންމު އިންތިހާބުގައި ދެހާހަށްވުރެ ގިނަ ޕާޓީއިން ވާދަކުރެއެވެ. އަދި އަށްހާހަށްވުރެ ގިނަ ކެންޑިޑޭޓުން ވަނީ އިންތިޚާބުގައި ވާދަކޮށްފައެވެ. އިންތިޚާބުގެ ވޯޓު ގުނުން މިއަދު ހެނދުނު ފަށާފައިވާއިރު، މިއަދު އެއްކޮށް އެ މަސައްކަތް ކުރިއަށްދާނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...