ޝައްކުވާ ޒާތުގެ ކަމެއް ހިނގާނަމަ ސަލާމަތީ ބާރުތަކަށް އެންގުމަށް އިލްތިމާސްކޮށްފި

ޝައްކުވާ ޒާތުގެ ކަމެއް ހިނގާނަމަ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރަށް އެކަން އެންގުމަށް އެމްއެންޑީއެފްއިން އިލްތިމާސްކޮށްފިއެވެ.

އަވަށްޓެރި ސްރީލަންކާގައި މިދިޔަ މަހުގެ 21 ވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާތަކާއި ގުޅިގެން އެމްއެންޑީއެފްއާއި ފުލުހުން ޚާއްސަ ތަމްރީންތަކެއް ވަނީ ކުރިއަށްގެންދަން ފަށާފައެވެ. މި ދަނޑިވަޅުގައި ޓެރަރިޒަމްގެ އެއްވެސް އަމަލެއް ހިންގާފާނެ ކަމަށް ޝައްކުވާ ޒާތުގެ ކަމެއް ހިނގާނަމަ އެކަން އެންގުމަށް ސަލާމަތީ ބާރުތަކުން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތަށް އިލްތިމާސްކުރީ ރާއްޖެއަށް މި ހަފްތާގެ ތެރޭގައި ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޚަބަރު ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.

ފުލުހުންނާއި އެމްއެންޑީއެފްއިން ގުޅިގެން ހިންގާ ތަމްރީންތަކާއި ގުޅޭގޮތުން ރޭގެ ވަގުތެއްގައި ނެރުނު ނޫސް ބަޔާނެއްގައި ފުލުހުން ބުނީ، ރާއްޖެއަށް ހަމަލާ އެއް ދޭން އުޅޭ ކަމުގެ އިންޒާރެއް ލިބިފައި ނުވާކަމަށެވެ. އަދި ރައްޔިތުންގެ ހިތްތަކުގައި ކަންބޮޑުވުން އުފެދޭ ގޮތަށް އިތުބާރު ނުހިފޭ މަސްދަރުތަކުން ލިބޭ ތެދު ނޫން މައުލޫމާތު ނުފެތުރުމަށްވެސް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.

އޭގެއިތުރުން މިދިޔަ އޭޕްރިލް މަހުގެ 21 ވަނަ ދުވަހު ލަންކާއަށް ދިން ހަމަލާތަކަށްފަހު ރާއްޖޭގެ ސަލާމާތީ ކަންކަން ވަރުގަދަ ކުރުމުގެ ގޮތުން ދިވެހި ފުލުހުންނާއި ދިވެހި ސިފައިން ގުޅިގެން ސިލްސިލާ ތަމްރީންތަކެއް ފަހެއް މެއި 2019 ވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދާކަންވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ. އަދި ކުރިއަށްގެންދާ ފަރިތަކުރުންތަކުގެ މަގްސަދަކީ ކުއްލި ހާލަތުގައި އެކި މުއައްސަސާތައް ގުޅިގެން މަަސައްކަތް ކުރާނެ ގޮތާއި، އަދި "މަލްޓި އެޖެންސީ ކޯޑިނޭޝަން" ރަނގަޅު ކުރަން ޖެހޭ އެންމެހާ ކަންކަން ކުރުން ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އެގޮތަށް ބުނެފައިވާއިރު، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުންވެސް ވަނީ ނުރައްކަލެއް އޮތްނަމަ އެކަމެއް ސިއްރު ނުކުރާނެ ކަމަށާއި، އެ މައުލޫމާތު ރައްޔިތުންނާއި ހިއްސާ ކުރާނެ ކަމަށް ބުނެފައެވެ. މީގެއިތުރުން ސަލާމަތީބާރުތަކުން ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދަނީ ހުޝިޔާރުވެ، ހުނަރުވެރިކަމާއެކު ރެސްޕޮންޑް ކުރަން ޖެހޭ ހާލަތްތަކުގައި ސިފައިންނާއި ފުލުހުން ގުޅިގެން ހަަރަކާތްތެރިވުމުގެ ގާބިލްކަން އިތުރު ކުރުމަށް ކަމަށްވެސް އެންސީޓީސީއިން ވަނީ ބުނެފައެވެ.

މިދިޔަ މަހު އަވައްޓެރި ސްރީލަންކާއަށް ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން ރާއްޖޭގެ އެއާޕޯޓްތަކާއި ބައެއް އެހެނިހެން ތަންތަނުގެ ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ. އަަދި އެމްއެންޑީއެފާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން މިހާރު ކުރިއަށް ގެންދާ ސިލްސިލާ ފަރިތަކުރުންތަކަކީވެސް އެ ހަމަލާތަކަށް ފަހު ކުރިއަށްގެންދާ ފަރިތަކުރުންތަކެކެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...