ފަށަން އުޅޭ ކަމަށް ބުނާ މަގުހެދުމުގެ ޕްރޮޖެކްޓްތައް ކުރިންވެސް ވަނީ ފަށާފައި- މުއިއްޒު

މި ސަރުކާރުން އަލަށް ފަށަން އުޅޭ ކަމަށް ބުނާ މަގުހެދުމުގެ މަޝްރޫއުތަކަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ފަށާފައިވާ މަޝްރޫއުތަކެއް ކަމަށް ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ މީޑިއާ ގްރޫޕްގައި، އެޕާޓީގެ ނައިބު ރައީސްކަންވެސް ކުރައްވަމުން އަންނަ މުއިއްޒު ވިދާޅުވެފައިވަނީ، މި ސަރުކާރުން ލ.ފޮނަދޫ، ރ.އުނގޫފާރު، ރ.ދުވާފަރު އަދި ހދ.ހަނިމާދޫގެ މަގު ހެދުމުގެ މަޝްރޫއުތައް ފެށުމަށް ސޮއި ކުރަން އުޅޭކަން އެނގިވަޑައިގެންފައިވާ ކަމަށެވެ. އެކަމާއި ގުޅޭ މައުލޫމާތު ހިއްސާ ކުރައްވަމުން މުއިއްޒު ވިދާޅުވީ 2015 ވަނަ އަހަރުގެ އޭޕްރީލްމަހުގައި ލ.ފޮނަދޫގެ މަގު ހެދުމުގެ މަސައްކަތް އެމްއާރްޑީސީއާއި ހަވާލުކޮށްފައިވާ ކަމަށެވެ.

އަދި އުނގޫފާރުގެ މަގު ހެދުމުގެ މަސައްކަތް އެ އަހަރުގެ ޖޫންމަހުގައި ހަމަ އެކުންފުންޏާއި ހަވާލުކޮށްފައިވާކަން މުއިއްޒު ފާހަގަކުރެއްވިއެވެ. އޭގެއިތުރުން 2014 ވަނަ އަހަރުގެ ފެބްރުއަރީމަހު ހަނިމާދޫގެ މަގު ހެދުމުގެ މަސައްކަތްވެސް އެމްއާރްޑީސީއާއި ހަވާލުކުރި ކަމަށް ކުރީގެ ހައުސިން މުއިއްޒު ވަނީ ވިދާޅުވެފައެވެ. މުއިއްޒު ވިދާޅުވީ ދުވާގަރުގެ މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދިޔައީ ޕަބްލިކް ވޯކްސްއިން ކަަމަށެވެ.

އެމްއާރްޑީސީ އުވާލުމާއެކު އެމަޝްރޫއުތައް 2018 ވަނަ އަހަރުގައި ޕަބްލިކް ވޯކްސްގެ ދަށަށް ބަދަލު ކުރެވުނުކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. މުއިއްޒު ވިދާޅުވީ ގިނަ ރަށްތަކެއް ޕޭމަންޓްގެ މަސައްކަތްތައް ނިމި، ބައެއް މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތްތައްވެސް އޭރު ހުންނާނީ ނިމިފައި ކަމަށެވެ.

އެގޮތުން ރައީސް ޔާމީންގެ ވެރިކަން ނިމުނުއިރު، ހަނިމާދޫގެ މަގު ހެދުމުގެ މަސައްކަތުގެ 30 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ދުވާފަރުގެ މަގު ހެދުމުގެ ޕްރޮޖެކްޓްގެ 60 އިންސައްތަ، އުނގޫފާރުގައި 75 އިންސައްތަ، ފޮނަދޫގައި 78 އިންސައްތަ، ފުވައްމުލަކުގައި 60 އިންސައްތަ އަދި ތ.މަޑިފުށީގެ މަގު ހެދުމުގެ މަސައްކަތުގެ 30 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެންމެ ގިނަ މަޝްރޫއުތަކެއް ހިންގާފައިވަނީ ހައުސިން މިނިސްޓްރީއިންނެވެ. ކުރީގެ ހައުސިން މިނިސްޓަރ މުއިއްޒު ވަނީ، މި ސަރުކާރުން، އާ އެއްވެސް މަޝްރޫއުއެއް ނުފަށާކަން ފާހަގަކުރައްވާ، ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...