ލަންކާގައި ހައްޔަރުކޮށްފައި ތިބި 2 ދިވެހިން ދޫކޮށްލައިފި

- ފޮޓޯ - މީސްމީޑިއާ

އައިއެސްއާއި ގުޅުން ހުރި ފޮތެއް ސްރީލަންކާގެ ގެއެއްގެ ތެރެއިން ފެނުނު މައްސަލައެއްގައި އެ ގައުމުގެ ފުލުހުން ހައްޔަރުކޮށްފައިވާ ދެ ދިވެހިން މިއަދު ދޫކޮށްލައިފިއެވެ.

ޗެނަލް ތާރޓީން އަށް މައުލޫމަތު ދެއްވަމުން ފޮރިން މިނިސްޓްރީގެ ޑިރެކްޓަ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު ވިދާޅުވީ، ދެ ދިވެހިން ދޫކޮށްލީ ލަންކާގެ ކޯޓުން ކަމަށާއި، އެ މީހުންގެ މައްޗަށް އެއްވެސް ދައުވާއެއް އުފުލާފައި ނުވާ ކަމަށެވެ.

މިދިޔަ މަހު 21 ވަނަ ދުވަހު ލަންކާގައި ދިން ނިރުބަވެރި ހަމަލާތަކަށްފަހު އެގައުމުގައި ހިންގި އޮޕަރޭޝަންއެއްގައި ހައްކުރި ދެމީހުންނަކީ އާދަމް މުހައްމަދު މަނިކު (ފުނަމާ) އާއި ހަސަން މަނިކު (ބައިކެނޑި)އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ، ލަންކާއަށް ބޭސްފަރުވާ ކުރަން ގޮސް އުޅެނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ.

އެގޮތުން މި ދެމީހުންގެ ތެރެއިން އާދަމް މަނިކު ލަންކާއަށް ބޭސްފަރުވާއަށް ގޮސް ހުރީ ހަސަން މަނިކު ލަންކާގައި ދިރިއުޅޭ ގޭގައިކަމަށް ރާއްޖޭގެ ބައެއް އޮންލައިން ނޫސްތަކުގައި ރިޕޯޓް ކޮށްފައިވެއެވެ. ހަސަން މަނިކުގެ ގެއިން ފެނުނު އައިސިސްގެ މައުލޫމާތު ހިމެނޭ ފޮތަކީ ބްލެކް ފްލެގްސް ދަ ރައިޒް އޮފް އައިސިސްއެވެ.

އެ ފޮތަކީ އައިއެސް ޖަމާއަތް އުފެދިގެން އައި ގޮތާ ގުޅޭގޮތުން އެމެރިކާގެ ނޫސްވެރިއަކު ލިޔެފައިވާ ފޮތެކެވެ. ހައްޔަރު ކުރި ދެ މީހުންނާ އެ ފޮތާ ގުޅުމެއް ނެތް ކަމާއި، އެ ފޮތަކީ ލަންކާގައި ޕޮލިޓިކަލް ސައިންސް ކިޔަވާ ދިވެހި ދަރިވަރަކު ގެންގުޅުނު ފޮތެއް ކަމަށްވެސް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. ލަންކާގައި މިދިޔަ މަހުގެ 21 ވަނަ ދުވަހު ދިން ނިރުބަވެރި ހަމަލާގައި 250 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...