ތުއްތު ކުއްޖާ މަރުވުމުގައި ހޮސްޕިޓަލުގެ އިހުމާލެއް ވޭތޯ ބަލަންފަށައިފި

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދެވެން ނެތިގެން މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުންގެންދަނިކޮށް މަރުވި ތުއްތު ކުއްޖާގެ މައްސަލަ ހެލްތު މިނިސްޓްރީން ބަލަން ފަށައިފިއެވެ.

ހެލްތް މިނިސްޓްރީން ވިދާޅުވީ އެ މައްސަލަ ބަލަނީ އެއްވެސް ފަރާތަކުން ހުށައަޅައިގެން ނޫން ކަމަށެވެ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެވެން ނެތިގެން މާލެ ގެނެސް ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވަނީ އުމުރުން އެއްދުވަސްވެފައިވާ މަރަދޫ ފޭދޫއަށް ނިސްބަތްވާ އަންހެން ކުއްޖެކެވެ.

އައިޖީއެމްއެޗްއިން ވިދާޅުވެފައިވަނީ ތުއްތު ކުއްޖާ އައިޖީއެމްއެޗްއަށް ގެނެސްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 10:00 ގައި ކަމަށެވެ. އަދި މަރުވެފައިވަނީ އެރޭ 11:25 ގައި ކަމަށެވެ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް މިދިޔަ އާދީއްތަ ދުވަހު ވިހެއި ކުއްޖާއަކީ ދުވަސް ނުފުރާ ވިހެއި ކުއްޖެއް ކަމަށް އައްޑޫ އޮންލައިންގައި ރިޕޯޓް ކޮށްފައިވެއެވެ.

ބަރުދަނުގައި 1.5 ކިލޯ ހުރި އެ ކުއްޖާ ވިހެއިރު ނޭވާލުމުގެ ނިޒާމުގައި މައްސަލަތަކެއް ހުރި ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ހާމަކޮށްފައިވާ ކަމަށް އައްޑޫ އޮންލައިންގައި ބުނެފައިވެއެވެ. އެކުއްޖާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އެންއައިސީޔޫގައި ފަރުވާ ދިން ނަމަވެސް ފަރުވާ ދިނުމަށް ބޭނުން ކުރާ ނިއުނޭޓަލް ވެންޓިލޭޓަރެއް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ލިބެން ނެތްކަމަށް އެ ރަށުގެ ރައްޔިތުން ބުނެއެވެ.

25 ހާސް މީހުންގެ އާބާދީއެއް ދިރިއުޅޭ އައްޑޫގެ އެންމެ ބޮޑު ހޮސްޕިޓަލްގައި ނިއުނޭޓަލް ވެންޓިލޭޓަރެއް ނެތުމަކީ ގަބޫލް ކުރެވޭނެކަމެއް ނޫންކަމަށް ބުނެގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. އަދި މިކަމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް އައްޑޫ މަރަދު ދާއިރާގެ މެމްބަރ އިބްރާހިމް ޝަރީފުވެސް ވަނީ ވިދާޅުވެފައެވެ. ފަހަކަށް އައިސް ރާއްޖޭގެ ސިއްހީ ހާލަތު ދަށަށް ގޮސް މުޅި ސިއްހީ ނިޒާމު ފެއިލް ވެފައިވާ ކަމަށް ދިވެހި ރައްޔިތުން އަންނަނީ ބުނަމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...