ގޮތް ނޭނގޭ އުޅަނދުތަކުގައި ހަތިޔާރު ހުރުންވެސް އެކަށީގެންވޭ: ކޯސްޓްގާޑް

- ޕްރިންސިޕަލް ޑައިރެކްޓަރ ކޯސްޓްގާޑް ލެފްޓިނެންޓް ކާނަލް މުހައްމަދު ސަލީމް -

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގޮތް ނޭނގޭ އުޅަނދުތަކުގައި ހަތިޔާރު ހުރުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، އެހެންކަމުން އެފަދަ އުޅަނދެއް ފެނިއްޖެ ނަަމަ ވީހާވެސް އަވަހަކަށް ކޯސްޓްގާޑަށް އެންގުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގަންނަ ބައެއް އުޅަނދުތަކުން ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ޓްރެފިކް ކުރާކަން ފާހަގަކުރެވޭތީ އެކަމާއި ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕްރިންސިޕަލް ޑައިރެކްޓަރ ކޯސްޓްގާޑް ލެފްޓިނެންޓް ކާނަލް މުހައްމަދު ސަލީމް ވިދާޅުވީ، އެންމެފަހުން އަތުލައިގަތް އީރާންގެ މަސް ބޯޓަކީވެސް ދެ ފަހަރެއްގެ މަތިން ހިފެހެއްޓިފައިވާ ބޯޓެއް ކަމަށެވެ.

އަދި އެ ބޯޓުވެސް އަތުލައިގަތީ 146 މޭލު ބޭރުން ރާއްޖޭގެ އިކޮނޮމިކް ޒޯން ހިމެނޭ ސަރަހައްދުން ކަމަށެވެ. ނަމަވެސް ކަނޑުގެ ސަރަހައްދުން ފެންނަ ކޮންމެ އުޅަދަނކަށް ތުހުމަތުކޮށްގެން ފާރައެއް ނުލެވޭނެ ކަމަށާއި، ސަބަބަކީ ފުރީޑަމް އޮފް ނެވިގޭޝަންގެ ތެރެއިން ކޮންމެ އުޅަދަކަށްވެސް ދަތުރު ކުރެވޭނެތީ ކަމަށް ސަލީމް ވިދާޅުވިއެވެ. އަދި އެގޮތަށް ދަތުރުކުރާ އުޅަނދުތައް ބެލޭނީ ކޮންމެވެސް ކަހަލަ އިންޓެލިޖެންސް މައުލޫމާތެއް ނޫންނަމަ އެހެން ގޮތަކަށްވެސް ޝައްކު ކުރެވޭނަމަ ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގަނެވޭ ގަވައިދާ ހިލާފު އުޅަދުތައް ދެނެގަތުމުގައި މަސްވެރިންގެ ފަރާތުން މިހާތަނަށްވެސް ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާ ކަމަށް ސަލީމް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލެހެއްޓޭނީ މަސްވެރިންނާވެސް ގުޅިގެން މަސައްކަތް ކޮށްގެން ކަމަށާއި، އަދި އެ މައްސަކަތުގައި ދިވެހި ރައްޔިތުންނަށް ދޭން ޖެހޭ ފުރިހަމަ ރައްކާތެރިކަން ދިނުމުގައި އެމްއެމްޑީއެފް ކޯސްޓްގާޑާއި ފުލުހުން ތިބޭނީ އަބަދުވެސް ތައްޔާރަށް ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

ރާއްޖެއަކީ ކަނޑުގެ ބޮޑު ބައެއް އެކުލެވިގެންވާ ގައުމެއްކަމުން މިފަދަ މަސައްކަތްތައް ކާމިޔާބު ކަމާއެކީގައި ކުރަން ޖެހޭނެކަން ފާހަގަކުރައްވާ ސަލީމް ވިދާޅުވީ އެއްވެސް ކަހަލަ އުޅަނދަކަށް ޝައްކު ކުރެވޭނަމަ ވީހާވެސް އަވަހަކަށް އެކަން ހުށަހަޅަންވާނެ ކަމަށެވެ. މުޅި ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތް ކުރަންވާނީ އެންމެން ގުޅިގެން ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...