" މި ސަރުކާރުން އަންނަނީ ޕާކުތަކަށް އިހުމާލުވަމުން"

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ތަރައްގީ ކުރި ރަސްރަނި ބަގީޗާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި އަޅާފައިވާ ޕާކުތަކަށް ސަރުކާރުން އިހުމާލުވަމުން އަންނަ ކަމަށް ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޗެނަލް13ގެ ނިއުސްޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން، އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި މާލެ ފެހި ކުރުމުގެ ގޮތުން ރައްޔިތުންނަށް ހިތްހަމަ ޖައްސާލެވޭނެ ފަދަ 15 މައިޒާނެއް ނުވަތަ ޕާކުތަކެއް ގާއިމް ކޮށްދެއްވި ކަމަށާއި އެހެންނަމަވެސް މި ސަރުކާރުން އެއްވެސް ވަރަކަށް އެތަންތަން ބަލަހައްޓަމުން ނުދާ ކަމަށެވެ.

" އެތަންތަން މިހާރު އެއްވެސް ވަރަކަށް މެއިންޓެއިންއެއް ނުކުރެވޭ އިނގޭތޯ؟ އަޅުގަނޑު ހަމައެކަން ވަރަށް ހިތާމައާއި އެކީގައި ފާހަގަކުރަން ބޭނުންވެއެވެ. ރަސްފަންނު ކަމަށް ބެލިޔަސް، ރަސްރަނި ބަގީޗާ ކަމަށް ބެލިޔަސް އެހެން ހުރިހާ ޕާކުތަކެއްވެސް."ޗެނަލް13ގެ ނިއުސްޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ސަރުކާރާއި، މާލޭ ސިޓީ ކައުންސިލުގެ އިހުމާލުން، މިހާރު ފެނިގެންދަނީ އޭރު ޚަރަދުތަކެއް ކޮށްގެން އެޅި ޕާކުތައް ހަލާކުވެގެންދާ މަންޒަރު ކަމަށެވެ. އެގޮތުން ދާދި ފަހަކާއި ޖެހެންދެން ރަސްރަނި ބަގީޗާގެ ފެންގަނޑުވެސް އޮތީ ސާފުވެސް ނުކޮށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އެޅި ޕާކުތައް މި ސަރުކާރުން ނުބަލަހައްޓާއިރު، ކުރިން ޕާކުތައް އެޅުމުގެ މަސައްކަތް ކުރުމުން އެކަމަށްވެސް އޭރު އިދިކޮޅުގައި ތިއްބަވައިގެން އެބޭފުޅުން ފާޑު ކިޔުއްވައި، މަލާމާތް ކުރެއްވި ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...