ލަޔާލް ސިޔާސީ ދާއިރާއާއި ދުރަށް ވަޑައިގަންނަވައިފި

ޗެނަލް13ގެ ކުރީގެ ނޫސްވެރިޔާ ލަޔާލް މަނިކް

ޕީޕީއެމްގެ ޑެޕިއުޓީ ސެކެރެޓަރީ ޖެނަރަލް އަދި ޗެނަލް 13ގެ ކުރީގެ ނޫސްވެރިޔާ އާމިނަތު ލަޔާލް މަނިކު ސިޔާސީ ދާއިރާއާއި ދުރަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްއަށް އެޑްރެސްކޮށް ލަޔާލް ފޮނުއްވި ސިޓީގައި ވަނީ ސިޔާސީ މައިދާނުން ދުރަށް ދާން ނިންމީ އާއިލާއަށް ވަގުތުދިނުމުގެ ގޮތުން ކަމަށް ވިދާޅުވެފައެވެ. އެ ނިންމެވުމާއެކު ލަޔާލް ވަނީ ޕީޕީއެމްގެ ޑެޕިއުޓީ އެސްޖީގެ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.

ލަޔާލްގެ ސިޓީގައި ވަނީ، މިހާރުގެ ހާލަތު ހުރި ގޮތުން ސިޔާސީ ކަންކަމުގައި އުޅެވެން ނެތް ކަމަށް ބަޔާން ކުރައްވާފައެވެ. އޭނާ ވިދާޅުވީ ސިޔާސީ ކަންތައްތައްތަކާއި ދުރަށްދާން ޖެހިވަޑައިގެންނެވީތީ ހިތާމަކުރައްވާ ކަމަށެވެ.

ލަޔާލްގެ ސިޓީގައި ވަނީ ރައީސް ޔާމީންއަށް ވަަރަށް ބޮޑަށް ތައުރީފު ކުރައްވާ، އެމަނިކުފާނަކީ ތަރައްގީގެ ބާނީ ކަމުގައި ސިފަކުރައްވާފައެވެ. ސިޔާސީ ދާއިރާއާއި ދުރަށް ވަޑައިގަންނަވާކަން އިއުލާންކުރެއްވުމަށް ފަހު ލަޔާލް ވަނީ އޭނާގެ މީސްމީޑިއާ އެކައުންޓްތައްވެސް ޑީއެކްޓިވޭޓް ކުރައްވައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށްފަހުގައި ލަޔާލް ޕީޕީއެމްގެ އިސް ސަފުން ފެނިގެންދިޔައިރު، ސިޔާސީ ދާއިރާގައި އޭނާ އަކީ ފާހަގަކޮށްލެވޭ ޒުވާނެކެވެ. އެގޮތުން، ލަޔާލް އެންމެ ބޮޑަށް ފާހަގަކުރެވެނީ އެމްޑީޕީގެ ސިޔާސަތުތަކާއި ވަރަށް ބޮޑަށް ދެކޮޅު ބޭފުޅެއްގެ ގޮތުގައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...